-1761984392747.webp)
ސަރުކާރުން ޢިއުލާންކުރައްވާފައިވާ ގޮތުގެ މަތިން، ދައުލަތުގެ ތިން ދާއިރާއެއްގެ މުވައްޒަފުންގެ މުސާރަ މިއަދުން ފެށިގެން ބޮޑުވެއްޖެއެވެ. މިއީ ދައުލަތުގެ އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށް ކުރިއަށްގެންދާ މަސައްކަތުގެ މުހިންމު ފިޔަވަޅެކެވެ.
ސަރުކާރުން ހާމަކުރައްވާފައިވާ ގޮތުން، މި ބަދަލާއެކު މުސާރަ ބޮޑުވެގެންދާނީ ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނާއި، ޖުޑީޝަރީގެ މުވައްޒަފުންގެ އިތުރުން މިހާތަނަށް މުސާރަ ބޮޑުނުވެ ތިބި ކައުންސިލްތަކުގައި މަސައްކަތްކުރާ ސިވިލް ސަރވިސް މުވައްޒަފުންނަށެވެ. ދައުލަތުގެ ބައެއް އިދާރާތަކުގެ މުސާރައަށް އެކި ދުވަސްވަރު ގެނެވުނު ބަދަލުތަކާއެކު، އެހެން ދާއިރާތަކުގެ މުސާރައިގެ ފަރަޤު ބޮޑުވެފައިވާތީ، މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ދައުލަތުގެ ޕޭފްރޭމްވޯކް ހަރުދަނާކޮށް މުސާރަ އެއްހަމަކުރުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.
މުސާރައާއި ގުޅޭ ސިޔާސަތުތަކަށް ގެނައުމަށް ސަރުކާރުން ނިންމަވާފައިވާ ބަދަލުތަކާއި ގުޅިގެން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ވަނީ މުސާރަ އެއްހަމަކުރުމަށްޓަކައި 1.68 ބިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައެވެ. ދައުލަތުގެ އެކި ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ އެއްހަމަކުރުމަށްޓަކައި، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހިމަނާފައިވަނީ މުސާރައިގެ ފަރަޤުތައް ނައްތާލުމުގެ ސަރުކާރުގެ އަޒުމުގެ ދަށުންނެވެ.
މުސާރަ އެއްހަމަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި ޢިއުލާންކުރެއްވި ކަމެކެވެ. ރައީސުލްޖުމްހޫރިއްޔާ މިދިޔަ ސެޕްޓެމްބަރު މަހު މިކަން ހާމަކުރައްވާ ކުރެއްވި ޕޯސްޓެއްގައި ވަނީ، އަންނަ 2026 ވަނަ އަހަރުގެ ނިޔަލަށް އެހެން ހުރިހާ ދާއިރާއެއްގެ މުސާރަތައްވެސް އެއްހަމަވެގެންދާނެކަމަށް ވިދާޅުވެފައެވެ. މި ދައުރުގެ ތެރޭގައި އެކި ދާއިރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެސް، މުވައްޒަފުންނަށް ދިރިއުޅުމުގެ ޚަރަދުތަކަށް ކޮށާލެވޭނެ ހިނދާމުސާރައެއް ކަނޑައެޅުމަކީ ސަރުކާރުގެ އެންމެ އިސް އެއް އަމާޒެވެ.