
ދުންފަތުގެ ނުރައްކަލާ ދެކޮޅަށް ހޭލުންތެރިކުރުމުގެ ގޮތުން 24 ގަޑިއިރަށް ކުރިއަށްގެންދާ "ނޭޝެނަލް ޓޯޗް ރަން" ގައި، ފުރަތަމަ 18 ގަޑިއިރުގެ ތެރޭގައި 7000އަށްވުރެ ގިނަ ފަރާތަކުން ބައިވެރިވެފައިވާ ކަމަށް ޞިއްޙީ ވުޒާރާއިން ހާމަކޮށްފިއެވެ. މި ދުވުން ކުރިއަށްދަނީ މާލޭ އެކުވެނި ޓްރެކުގައި، އިއްޔެ ހަވީރު 4 އިން ފެށިގެން މިއަދު ހަވީރު 4 އަކާ ހަމައަށެވެ.
"ނޭޝެނަލް ޓޯޗް ރަން" އަކީ، މި ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ތަންފީޒުކުރަން ފަށާފައިވާ "ޖެނެރޭޝަނަލް ބޭން އޮން ޓޮބޭކޯ" އާ ގުޅުވައިގެން ކުރިއަށްގެންދާ ޚާއްސަ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަޤުސަދަކީ ދުންފަތުގެ ނުރައްކާ އަންގައިދީ، ދުންފަތާ ދެކޮޅަށް މަސައްކަތް ކުރުމަށް އާންމުންނަށް ހިތްވަރުދީ ބާރުއެޅުމެވެ. މިއީ ހުރިހާ އުމުރެއްގެ މީހުންނަށްވެސް ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
ޞިއްޙީ ވުޒާރާއިން ދޫކުރި މައުލޫމާތަށް ބަލާއިރު، މި ދުވުމުގައި މިހާތަނަށް ޖުމްލަ 7547 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ހަރަކާތުގައި ދައުލަތުގެ ބައެއް ވަޒީރުންނާއި، ކުޅިވަރު ދާއިރާގައި ހަރަކާތްތެރިވާ އެތުލީޓުންނާއި ކުޅިވަރު ކްލަބްތަކާއި އެސޯސިއޭޝަންތަކުގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.
މި ޚާއްސަ ދުވުމަކީ، ޞީއްޙީ ވުޒާރާއިން އިސްނަގައިގެން ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވުޒާރާއާއި، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާއި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އަދި ސަރުކާރުގެ އެކި އިދާރާތަކާއި ކުންފުނިތަކުގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ ހަރަކާތެކެވެ.