
ނަޞްރުގެ ދުވަހާ ގުޅިގެން މި އަހަރު ބާއްވާ ސިފައިންގެ އަސްކަރީ ހަރަކާތްތައް ޖުމްހޫރީ މައިދާނުގައި ބަލާލަން ޢާންމުންނަށް ތިން ދިމާއަކުން ވަދެވޭނެ ކަމަށް ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (އެމްއެންޑީއެފް) އިން މިއަދު ވިދާޅުވެއްޖެއެވެ. މި ހަރަކާތް އޮންނާނީ ނަޞްރުގެ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ.
އެމްއެންޑީއެފް އިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، ނަޞްރުގެ ދުވަހުގެ ހަވީރު 16:15 ގައި ސިފައިންގެ މި އަސްކަރީ ހުށަހެޅުންތައް ފެށުމަށް ހަމަޖެހިފައިވާއިރު، ޢާންމުންނަށް ޖުމްހޫރީ މައިދާން ސަރަހައްދަށް ވަދެވޭނެ އިންތިޒާމް 15:30 އިން ފެށިގެން ހަމަޖައްސާފައިވާ ކަމަށެވެ.
ޖުމްހޫރީ މައިދާނަށް ވަދެވޭނެ ތިން ދިމާ ހާމަކުރައްވަމުން އެމްއެންޑީއެފް އިން ވިދާޅުވީ، އަމީރު އަޙްމަދު މަގުގެ ދެކޮޅުންވެސް މައިދާނަށް ވަދެވޭނެ ކަމަށެވެ. އެގޮތުން، ދިފާޢީ ވުޒާރާ ހިންގާ ބިލްޑިންގެ ކަންމައްޗާއި، ކުރީގެ އެމްއެމްއޭ ހިންގި ބިލްޑިންގެ ހުޅަނގު ކަންމަތިން ވަނުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. މީގެ އިތުރުން، އިސްލާމީ މަރުކަޒާއި ސިފައިންގެ ކަންމައްޗާ ދެމެދުންވެސް ޢާންމުންނަށް ވަދެވޭނެއެވެ. މި ތަންތަނުން ވަނުމުގެ ކުރިން ސެކިއުރިޓީ ސްކްރީން ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށްވެސް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއްވިއެވެ.
ނަމަވެސް، ބޮޑުތަކުރުފާނު މަގުން މައިދާނަށް ޢާންމުންނަށް ނުވަދެވޭނެ ކަމަށާއި، އެ ދިމާލުން ވަދެވޭނީ ދަޢުވަތު އަރުވައިގެން ވަޑައިގަންނަވާ ބޭފުޅުންނާއި ޢިއްޒަތްތެރިންނަށް އެކަނި ކަމަށް ދިފާޢީ ބާރުން ހާމަކުރެއްވިއެވެ. މި ހަރަކާތްތަކަކީ ނަޞްރުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޤައުމީ ދިފާޢީ ބާރުގެ ޤާބިލުކަން ދައްކުވައިދިނުމަށް ބާއްވާ ހަރަކާތްތަކެކެވެ.