މާރާމާރީ އެއްގައި އަނިޔާ ލިބުނު މީހަކު، އޭނާއަށް ފަރުވާ ދެމުން ދިޔަ މެޑިކަލް އޮފިސަރުންނަށް މަރުގެ އިންޒާރު ދީގެން ހައްޔަރު ކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ އާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ، ގދ. ވާދޫ، ފުރުސަތު، ލޫތް އިބްރާހިމް (28އ) ކަމަށެވެ. އޭނާއަށް އަނިޔާ ލިބިފައިވަނީ މިމަހުގެ 14 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި މާލޭގައި ހިނގި މާރާމާރީއެއްގައި ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އެ މާރާމާރީގައި އޭނާއަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނިކޮށް، ހަމަ އެ ދުވަހު މެންދުރުގެ ވަގުތެއްގައި އޭނާއަށް ފަރުވާ ދެމުން ދިޔަ ނަރުހުންނަށް މަރުގެ އިންޒާރުދީ، ބިރު ދެއްކުމުގެ އިތުރުން ޖީބުން ވަޅިއެއް ފެނިފައިވާ ކަމަށެވެ. އެމައްސަލައާއި ގުޅިގެން މި މަހުގެ 19 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.