
ރާއްޖެއަށް 1988 ވަނަ އަހަރު ދިން އުދުވާނީ ހަމަލާގައި ގައުމަށްޓަކައި ޝަހީދުވި ކޯޕްރަލް ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި، ކުޅުދުއްފުށި ސިޓީގައި ހަދާފައިވާ ހަނދާނީ ބިނާ، ރަސްމީކޮށް ހުޅުވައިފިއެވެ. މި ބިނާ ހުޅުވައިދެއްވީ، ޝަހީދު ހުސައިން އާދަމް އެންމެ ފަހުން އެރަށުން ފުރާވަޑައިގެންނެވި ކުރީގެ ބަނދަރު ސަރަހައްދުގައި ހަދާފައިވާ އެކަމަށް ޚާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ބިނާ ހުޅުވައިދެއްވީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް އަދި ޝަހީދު ހުސައިން އާދަމުގެ އާއިލާގެ ފަރާތުން އަހުމަދު އާދަމް، އައިޝަތު ޔުމްނާ އަހުމަދު، އަދި ފާތިމަތު ނީމް އަބްދުއްރަޝީދުއެވެ.
ޝަހީދު ހުސައިން އާދަމްގެ ހަނދާނުގައި ބަހައްޓާ މި ބިނާ ހަދަން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅުގައެވެ. އެ ބިނާގެ މައިގަނޑު ބަޔަކީ ޝަހީދު ހުސައިން ބޭނުންކުރެއްވި އޭކޭ-47 ބަޑީގެ ހަތް ފޫޓުގެ ނަކަލެކެވެ. މީގެ އިތުރުން، ޝަހީދު ހުސައިން އާދަމް އެ ދުވަހު ހުންނެވި ގޭޓަށް ވަޒަން އަރާފައި ހުރި ގޮތަށް، އެ ގޭޓުގެ ދެފަރާތުގެ އަރިމަތީގައި ހުންނަ ޕެޓާންގެ ނަކަލެއް ވެސް ބިނާގައި ހިމެނޭނެ ކަމަށް ކައުންސިލުން ބުނެއެވެ.
ބިނާގެ ފަރުމާ ހުންނާނީ ރައުންޑައަބައުޓެއްގެ ތެރޭގައެވެ. މި ބިނާއާ ގުޅިގެން ފެހިކުލަ އާއި ރަތްކުލައިގެ ގަސްގަހުން ލޭންޑްސްކޭޕިންގެ މަސައްކަތް ވެސް ކޮށްފައިވެއެވެ. ބިނާގެ ފްލޯ ހުންނާނީ ވިދާ ގޮތަކަށް ފަރުމާކޮށްފައެވެ. އެ ބިނާ އިން ދައްކައިދެނީ ދިވެހި ގައުމުގެ ދިފާއުގައި ހަމަލާ ދިނުމަށް އެ ދުވަހު އޭނާ ގެންގުޅުއްވި ބަޑިއާ ދުޝްމަނުގެ ހަމަލާތަކުން ޝަހީދުވެގެން ވެއްޓި ވަޑައިގެންނެވި ތަނެވެ.
އެ ހަނދާނީ ބިނާ ފަރުމާކޮށް، ބިނާ ހެދުމަށް ޖުމްލަ ނުވަ ލައްކަ ރުފިޔާ ހަރަދުކުރީ ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ބަޖެޓުންނެވެ. ހަނދާނީ ބިނާގެ ނަން ބޯޑު ހަރުކުރުން ނޫން ހުރިހާ މަސައްކަތެއް މިހާރު ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ ވަށް ބުރު ވަށައި މަގު ތައްޔާރުކުރުމުގެ މަސައްކަތެވެ.
ނަސްރުގެ ދުވަސް ފާހަގަކުރަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހި ހާއިނުންނާއި ބޭރުގެ ނިރުބަވެރި ޖަމާއަތެއް ގުޅިގެން ދިން ކުއްލި ހަމަލާއިން ދިވެހި ސިފައިންނަށް ނަޞްރު ލިބުނު ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ކުޅުދުއްފުށި ސިޓީއަށް އުފަން ކޯޕްރަލް ޝަހީދު ހުސައިން އާދަމް ޝަހީދުވީ، ވެރިރަށް މާލެއަށް ދިން ނުރައްކާތެރި ހަމަލާގައި ސިފައިންގެ މައި މަރުކަޒު ދިފާއުކުރުމުގައި ހުންނަވަނިކޮށެވެ. އޭނާގެ މި ބޮޑު ގުރުބާނީގެ ހަނދާން އާކޮށް ދިވެހި ގައުމަށް ޓަކައި އެ ދުވަހު އެޅުއްވި ފިޔަވަޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން މި ބިނާ ހެދުމަކީ، ދިވެހިރާއްޖޭގެ ދިފާއުގައި ޝަހީދުވި ހުސައިން އާދަމްގެ ހަނދާން އާކުރާނެ މުހިންމު ފިޔަވަޅެކެވެ.