ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަދަ މީހުންނަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ގައުމީ ފެންވަރުގެ ބޮޑު އޮޕަރޭޝަނެއް މާދަމާ ފަށަން ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ރޭ ހާމަކުރައްވައިފިއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ފ.ނިލަންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ، ރާއްޖޭގައި މޫލައިފައިވާ ބޮޑު ތިން މައްސަލައެއް ހައްލުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެއް ކަމަށެވެ.އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މާދަމާ ފަށާ އޮޕަރޭޝަނުގެ ދަށުން ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި، އެފަދަ މީހުން ހިންގާ ވިޔަފާރިތައް ބަންދުކުރުމުގެ އިތުރުން، އެ މީހުން ޑީޕޯޓުކުރުމުގެ މަސައްކަތް ވެސް ކުރިއަށްގެންދާނެއެވެ. މި ޕްރޮގްރާމް ހިންގުމުގައި ބޮޑެތި ރަށްރަށަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ކުރިއަށްގެންދާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ހައްލު ނުކުރެވި، ގިނަދުވަސްވެފައިވާ މައްސަލައެއް ކަމަށާއި، އެކަމަށް ހައްލެއް ހޯދުމަށް މީގެކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައިނުވާ ކަމަށެވެ.ނަމަވެސް މި ސަރުކާރުން ވެރިކަމާ ހަވާލުވެ މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަ ބަޔަކު ދެނެގަނެފައިވާ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި އެފަދަ 8000 އަށްވުރެ ގިނަ މީހުން މިހާރު ޑީޕޯޓުކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މާދަމާ ގައުމީ ފެންވަރުގައި އޮޕަރޭޝަނެއް ފަށާއިރު، ގަވާއިދާ ޚިލާފަށް ތަފާތު އެކި ވިޔަފާރިތަކުގަައި ގިނަ އަދަދެއްގެ ބިދޭސީން ހަރަކާތްތެރިވަމުންދެއެވެ.
ބިދޭސީން ރާއްޖޭގައި ވިޔަފާރިކުރުން މަނާ ދާއިރާތަކުގެ ތެރޭގައި 25 ދާއިރާއެއް ހިމެނެއެވެ
އެ ދާއިރާތައް:
1. ރީޓެއިލް ޓްރޭޑް (އޮންލައިން ވިޔަފާރިވެސް ހިމެނޭ ގޮތަށް)
2. ހޯލްސޭލް ޓްރޭޑް - އިމާރާތްކުރުމަށް ބޭނުންވާ މުދާ ފިޔަަވައި
3. ޑޮމެސްޓިކް ލޮޖިސްޓިކްސްގެ މަސައްކަތް
4. ޕޯސްޓަލް އަދި ކުރިއަރ ސަރވިސަސް
5. ކާބޯތަކެތި ވިއްކުމުގެ ޚިދުމަތް (ކެފޭ، ރެސްޓޯރެންޓް އަދި ބޭކަރީ ހިންގުން)
6. ތަކެތި ކުއްޔަށް ދިނުމުގެ ވިޔަފާރިތައް (އިމާރާތް ކުރުމަށް ބޭނުންކުރާ ބޮޑެތި މެޝިނަރީ ފަދަ ތަކެތި ހިމެނޭ ގޮތަށް)
7. އެމްޕްލޯއިމަންޓް އޭޖެންސީ އަދި ވަޒީފާތަކަށް މީހުން ހޯދުމުގެ ޚިދުމަތް
8. ޓްރެވަލް އޭޖެންސީ، ޓުއަރ އޮޕަރޭޓަރސް، ރިޒަވޭޝަން އަދި މިކަމާ ގުޅުންހުރި އެހެނިހެން މަސައްކަތްތައް
9. ލޭންޑްސްކޭޕިން މަސައްކަތް
10. ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ގައުމުގެ ދިފާއީ ބާރުތަކާއި ގުޅުންހުރި މަސައްކަތްތައް
11. ޖެނެރަލް ޓިއުޝަން ކްލާސް އަދި ޤުރުއާން ކްލާސް ހިންގުން
12. ޖެނެރަލް ކްލިނިކް ހިންގުމުގެ މަސައްކަތް
13. ކޮމްޕިއުޓަރު، އާންމު މުދާ އަދި ގޭތެރޭގައި ބޭނުންކުރާ މުދާ މަރާމާތު ކުރުމުގެ މަސައްކަތް
14. ޕްރޮގްރާމިންގ އަދި ބްރޯޑްކާސްޓިންގ މަސައްކަތް
15. ގާނޫނީ ވަކީލުންގެ ޚިދުމަތް
16. ފޮޓޯގްރަފީ އަދި ވީޑިއޯގްރަފީގެ މަސައްކަތް
17. ޕިކްނިކް އައިލެންންޑް ތަރައްގީކުރުމާއި ހިންގުން
18. ވިޔަފާރި އުސޫލުން އެއްގަމު އުޅަނދު ދުއްވުން
19. ސުވެނިއަރ އަދި އަތްތެރި މަސައްކަތުން ތަކެތި އުފައްދައި ވިއްކުން
20. ރަބަރު އަދި ޕްލާސްޓިކް ތަކެތި އުފެއްދުން
21. ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ތަކެތި އުފެއްދުމާއި ވިއްކުން
22. ލަކުޑިން ތަކެތި އުފެއްދުން ( ފަރުނީޗަރު ފިޔަވައި)
23. މައިނިންގ އެންޑް ކޮރީންގް ގެ މަސައްކަތް
24. މައިނިންގ އޮފް ސޭންޑް
25. ފޮރެސްޓްރީ
ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެކެވެ.
އެގޮތުން، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނާއި، ދިވެހި ފުލުހުންގެ ޚިދުމަތުން ގުޅިގެން މީގެކުރިން ވަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގައި، ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަތައް 3 އަހަރު ދުވަހުގެ ތެރޭގައި ހައްލުކުރުމެވެ.