navLogo

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން މިއަދު ބޮޑު އޮޕަރޭޝަނެއް!

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވަން މިއަދު ބޮޑު އޮޕަރޭޝަނެއް!
redhan online
މަރިޔަމް

ރާއްޖޭގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް އެކިކަންކޮޅުތަކުގައި މިއަދު ބޮޑު އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު، ފ. ނިލަންދޫގައި އިއުލާން ކުރައްވައިފިއެވެ.

ނިލަންދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގައި ދިމާވެފައި އޮތް އެންމެ ބޮޑު އެއް މައްސަލައަކީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކަމަށާއި އެ މައްސަލައަކީ އަބަދުވެސް ދައްކާ ވާހަކައެއް ކަމަށެވެ. ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ރާއްޖޭގައި މީގެކުރިން އުފެދުނު އެއްވެސް ސަރުކާރަކަށް ހައްލުކޮށްދެވިފައި ނުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ވަކިން ހާއްސަކޮށް އާބާދީ ބޮޑެތި ރަށްރަށުގައި ހިންގާ މި އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވައި، އެ ތަންތަން ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ވިޔަފާރިތައް ހިންގާ ބިދޭސީން ޑީޕޯޓް ކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ފެށި "ކުރަނގި" އޮޕަރޭޝަންގެ ދަށުން 178،982 ބިދޭސީންގެ މައުލޫމާތު ނަގައި 8،609 މީހުން ޑީޕޯޓްކޮށްފައިވާ ކަމަށް އެމަނިކުފާނު ރޭ ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވި ގޮތުގައި މި އަދަދުތަކުން ވެސް ރާއްޖޭގައި ދެލައްކައެއްހާ ބިދޭސީން އުޅޭ ކަން އެނގެއެވެ.

ރައީސް ޑރ. މުއިއްޒު ވިދާޅުވީ ބިދޭސީންގެ ސަބަބުން ދިވެހިން ކުރަމުން އަންނަ ވިޔަފާރިތަކަށް ވެސް ހުރަސް އެޅެމުންދާ ކަމަށެވެ. އެގޮތުން ކުދި ވިޔަފާރިތަކަށް ބިދޭސީން ވަންނަމުންދާ ކަމުގައި އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

"މަގުމަތީގައި ތަންތަން ހުޅުވައިގެން ނުގަވައިދުން އެކި ކަހަލަ ގުދަންތައް ހަދައިގެން އެއްޗެހި ވިއްކައި، މި ހުރިހާ ކަމެއް ވެސް ކުރަނީ. މާލޭގައި، ހާއްސަކޮށް އާބާދީ ބޮޑެތި ހުރިހާ ރަށެއްގައި އެކަން އެބަ ހިނގާ. އެހެންވެ މި ހުރިހާ ކަމެއް ހުއްޓުވުމަށް ކުރަނގި އޮޕަރޭޝަންގެ ދަށުން މައުލޫމާތު އެއް ކުރަން ފެށީ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުން އަންނަ މަސައްކަތް އިތުރު ހަރުފަތަކަށް މައްޗަށް ޖައްސަން ނިންމާފައިވާ ކަމަށެވެ.

"މީގެ ނަތީޖާއަކަށް ވާނީ ދިވެހި ރައްޔިތުންނަށް ވިޔަފާރި ކުރުމަށް އޮތް ހައްގު ފުރުސަތުތައް އަނބުރާ ހޯދައި ދިނުން. އެއީ ދިވެހި ރައްޔިތުންގެ ވިޔަފާރީގެ ފުރުސަތުތައް. އެ ފުރުސަތުތަކުގެ ތެރެއަށް މި ވަންނަނީ ނުގަވައިދުން އުޅޭ ބޭރު މީހުން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ވަނީ ދިވެހިން ވެސް އެ ފުރުސަތުތައް ބައެއް ފަހަރު ބިދޭސީންނަށް ދެމުން އަންނާތީއެވެ.

"އަޅުގަނޑު ގޮވާލަން ދިވެހި ރައްޔިތުންނަށް އެ ފުރުސަތު ނުގަވައިދުން އުޅޭ ބިދޭސީންނަށް ނުދޭށޭ،" ރައީސް ވިދާޅުވިއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356