navLogo

ސިއްޙީ ވުޒާރާއާއި ޕީއެސްއެމް ގުޅިގެން "ހެލްތް ޓޯކް" ޕްރޮގްރާމް އިފްތިތާޙްކޮށްފި

ސިއްޙީ ވުޒާރާއާއި ޕީއެސްއެމް ގުޅިގެން "ހެލްތް ޓޯކް" ޕްރޮގްރާމް އިފްތިތާޙްކޮށްފި
redhan
ފާތިމަތު ލައުޒާ

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާއި ސިއްޙީ ވުޒާރާ ގުޅިގެން އުފައްދާ "ހެލްތް ޓޯކް" ޕްރޮގްރާމް އިފްތިތާޙްކޮށްފިއެވެ. މި ޕްރޮގްރާމް އިފްތިތާޙްކުރީ މިއަދު ޕީއެސްއެމްގެ ޓީވީ ބިލްޑީންގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ ޕީއެސްއެމްގެ މެނޭޖިންގް ޑިރެކްޓަރ، އިބްރާހީމް ނަސްރީން އަދި ސިއްޙީ ވަޒީރު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. "ހެލްތް ޓޯކް" ޕްރޮގްރާމަކީ، ސިއްޙީ ރަނގަޅު އާދަތަކަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ސިއްޙަތު ރައްކާތެރިކުރުމަށާއި، ރަނގަޅު ސިއްޙަތެއްގައި ދެމިހުރުމަށާއި، ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް މަގުފަހިކުރުވުމަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށް އުފައްދާފައިވާ ޕްރޮގްރާމެކެވެ.

ޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްޙީ ވަޒީރު، ޢަބްދުﷲ ނާޘިމް އިބްރާހީމް ވިދާޅުވީ، އެ ވުޒާރާގެ އަމާޒަކީ، މި ޕްރޮގްރާމް މެދުވެރިކޮށް ސިއްޙަތާގުޅޭ ގިނަ މަޢުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްތަކަށް ގޮސް ރައްޔިތުންގެ އާދަކާދަތަކާއި، އެބޭފުޅުންގެ ސިއްޙީ ބޭނުންތަކާ ގުޅޭގޮތަށް ޚާއްސަކޮށް ބައްޓަންކުރެވޭނެކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ "އަޅުގަނޑުމެންގެ ތެރޭގައި މިހާރު ހުރި ބަލިތަކަކީ އަޅުގަނޑުމެންގެ ދިރިއުޅުމުގެ އާދަކާދަތައް ރަނގަޅުކުރެވިއްޖެނަމަ އޭގެން މާ ރަނގަޅު ނަތީޖާތަކެއް އަޅުގަނޑުމެންނަށް ނެރެވިދާނެ ކަންކަން. އެހެންވީމާ، އަޅުގަނޑުމެންގެ އަމާޒަކީ ޕީއެސްއެމްއާ ގުޅިގެން މި ތައްޔާރުކުރާ ޕްރޮގްރާމުގެ ޒަރިއްޔާއިން ތެދު، ރަނގަޅު، މުހިންމު މަޢުލޫމާތުތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން" މިފަދައިންނެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންނަށް ސިއްޙީ ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް އަހުލުވެރިކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާނެކަމަށް އުއްމީދުކުރެވޭ ޕްރޮގްރާމެކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަސްރީން ވިދާޅުވީ، ޕީއެސްްއެމްގެ ޗެނަލްތަކުން އާންމުކޮށް ގެނެސްދޭ ޝޯތަކާ އަޅާބަލާއިރު "ހެލްތް ޓޯކް" ޕްރޮގްރާމް އެތައް ގޮތަކުން ތަފާތުވާނެކަމަށެވެ.

"ޕީއެސްއެމް އިން މިދާއިރާއިން މިހާތަނަށްކުރެވުނު މަސައްކަތްތަކުގެ އަލީގައި އަޅުގަނޑުމެންގެ ޤާބިލިއްޔަތު ތަންދޭ އެންމެ ފުޅާދާއިރާއެއްގައި މި ޕްރޮގްރާމުގެ ހުރިހާކަމެއް ކޮށްދޭނެކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން. ހަމައެއާއެކު އާންމުކޮށް އަޅުގަނޑުމެން ގެނެސްދޭ ޝޯތަކާ މިޝޯ ތަފާތުވާނެކަމަށް އުއްމީދުކުރަން. ރާއްޖޭގެ ރަށްތަކަށް ގޮސް އެރަށްތަކުގަ ދިރިއުޅޭ ރައްޔިތުންގެ އާދަކާދަތަކާއި، އެބޭފުޅުންނާ ގުޅޭގޮތަށް މިޕްރޮގްރާމް ބައްޓަންކުރެވިގެން ޒުވާނުންނާއި، އެކި ޖެނެރޭޝަންތަކުގެ، އެކި ފަންތީގެ މީހުންނަށް ޚާއްސަކުރެވިގެން މި ޕްރޮގްރާމް ގެނެސްދިނުމަކީ އަމާޒެއް". ނަސްރީން ވިދާޅުވިއެވެ.

ހެލްތް ޓޯކް ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ސިއްޙީ ވުޒާރާއާއި ޕީއެސްއެމްއާދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސިއްޙީ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑެޕިއުޓީ މިނިސްޓަރ އަހުމަދު ޙަމްދާން ނާސިރެވެ. އަދި ޕީއެސްއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގެ ޑިރެކްޓަރ އިބްރާހީމް ނަސްރީންއެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356