
މީގެ 37 އަހަރު ކުރިން ރާއްޖެއަށް ދިން އުދުވާނީ ހަމަލާއާ ގުޅިގެން އިންޑިއާއިން ދިން އެހީތެރިކަމަކީ އެ ގައުމުގެ މަދަދުވެރިކަން ދިވެހީންނަށް ދާއިމަށް ހަނދާންކޮށްދޭ ދުވަސް ކަމަށް، ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްޤައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ޔާމީން ވިދާޅުވީ 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ނަސްރު ހޯދައިދިނުމުގައި އިންޑިއާއިން މުހިންމު ރޯލެއް ކުޅެފައިވާ ކަމަށާއި އިންޑިއާއިން އެދުވަހު ފޯރުކޮށްދިން މަދަދުވެރިކަން މިއަދުވެސް ހަދާންކޮށްދޭ ކަމަށެވެ.
ނޮވެމްބަރު 3 ގައި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ، ދިވެހީންގެ މަދު ބަޔަކާ ގުޅިގެން ސްރީލަންކާގެ ޕްލޯޓް ޖަމާއަތުގެ 80 ވަރަކަށް މީހުން ގޮވައިގެން މާލެއަށް ދިން ކުއްލި ހަމަލާއިން ދިވެހީންނަށް ނަސްރު ލިބުނު ދުވަސް ކަމުގައިވާ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހަކީ، ޝުކުރުކުރަން ޖެހޭ ދުވަހެއް ކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.
އެ ދުވަހަކީ ދިވެހީންގެ ލޭ އޮހޮރުވާލައި، ވެރިކަން ބަދަލުކުރަން ދިވެހީންގެ ބަޔަކު އަޑީގައި ތިބެ މަސައްކަތްކުރި ދުވަހެކެވެ. އެ ދުވަހު ސިފައިންގެ ވަރުގަދަ އަޒުމާއި ގުރުބާނީ ފާހަގަވެގެން ދިޔަކަންވެސް ރައީސް ޔާމީން ފާހަގަކުރެއްވިއެވެ. އެގޮތުން، އާދައިގެ ސިފައިންގެ ބޭކަލެއް ކަމަށްވާ ކޯޕްރަލް ހުސައިން އާދަމްގެ މަތިވެރި ޖިހާދުން ގައުމު ދިފާއުކުރުމުގައި މުޅި ސިފައިންގެ ލަޝްކަރަށް ފިލާވަޅު ނަގައިދިން ދުވަހެއްކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
ހަމަ އެފަދައިން، އެ ދުވަހަކީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީގެ ހިތްވަރުގަދަ މަސައްކަތުން ސިފައިންގެ ހަތިޔާރު ގުދަން ސިފައިންގެ އަތުޖައްސައިދީ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ދުވަސް ކަމަށް ވެސް ރައީސް ޔާމީންގެ ޕޯސްޓުގައިވެއެވެ.
ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާއާ ގުޅިގެން ރާއްޖެއަށް އަސްކަރީ އެހީތެރިކަން ދިން އިންޑިއާގެ ނަން ރައީސް ޔާމީން މިއަދު ފާހަގަކުރެއްވިއިރު، އެމަނިކުފާނަކީ ރާއްޖެ-އިންޑިއާ ގުޅުމަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅާއެވެ. ކުރީގެ ސަރުކާރުގައި އިދިކޮޅުގައި އޮތް ޕީޕީއެމްއިން ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ހަރަކާތެއް ހިންގައި، އިންޑިއާގެ އަސްކަރިއްޔާ ރާއްޖެއިން ފޮނުވާލުމަށް ގޮވާލާފައެވެ. އެ ހަރަކާތުގައި ރައީސް ޔާމީން ވެސް އިންޑިއާ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުކުރެއްވިއެވެ.