navLogo

ކުޅިވަރުގެ ގިނަ ވަސީލަތްތަކާއެކު ދަރަނބޫދޫއަށް ބޮޑު ތަރައްޤީއެއް ގެންނާނަން: ރައީސް މުއިއްޒު

ކުޅިވަރުގެ ގިނަ ވަސީލަތްތަކާއެކު ދަރަނބޫދޫއަށް ބޮޑު ތަރައްޤީއެއް ގެންނާނަން: ރައީސް މުއިއްޒު
Redhan
ފާތިމަތު ލައުޒާ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު، ފ. ދަރަނބޫދޫއަކީ ކުޅިވަރުގެ ރަށަކަށްވުމާއެކު، ކުޅިވަރުގެ ގިނަ ވަސީލަތްތަކާއެކު ރަށުގެ ތަރައްޤީއަށް މުހިންމު ގިނަ މަޝްރޫއުތަކެއް މި ދަޢުރުގައި ކުރިއަށް ގެންދަވާނެކަމަށް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ދަރަނބޫދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދަރަނބޫދޫގައި ކުޅިވަރުގެ މުހިންމު ވަސީލަތްތައް ޤާއިމުކޮށްދެއްވާނެކަމަށެވެ. އެގޮތުން، ފުޓުބޯޅަ ދަނޑާ، ވޮލީކޯޓާ އަދި ޔޫތް ސެންޓަރުގެ މަސައްކަތްވެސް މި ސަރުކާރުން ފުރިހަމަ ކޮށްދެއްވާނެކަމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ވިދާޅުވިއެވެ. ދަރަނބޫދޫއަކީ އެތްލީޓުން ގިނަ ރަށަކަށް ވުމާއެކު، އެރަށުގައި ޓްރެކެއްވެސް ހައްދަވައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. މި ހުރިހާ ވަސީލަތްތަކެއްވެސް ތަރައްޤީކުރާނީ ރޭގަނޑުވެސް ބޭނުންކުރެވޭނެ ގޮތަށްކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ މިދަތުރުފުޅުގެ ތެރެއިން ދަރަނބޫދޫގައި ފެށި ސިއްޙީ މަރުކަޒުގެ އާ އިމާރާތުގެ މަސައްކަތް ނިމޭއިރު، ރަށަށް މުހިންމުވެފައިވާ ސިއްޙީ ފަރުވާގެ ޚިދުމަތެއް ޤާއިމުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އަދި މިވަގުތަށްވެސް ސިއްޙީ މަރުކަޒަށް ނަރުހެއްގެ ޚިދުމަތް އިތުރުކޮށްދެއްވާނެކަމަށާއި، ހެލްތު ސެންޓަރުގެ ޚިދުމަތް 16 ގަޑިއިރަށް ބަދަލުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރުން ވަނީ ދަރަނބޫދޫގައި ކުޅިވަރުގެ ވަސީލަތްތައް ތަރައްޤީކުރުމުގެ ވަޢުދުތައް ފުރިހަމަކުރުމަށް ވައުދުވެފައިވާ އިރު، މިހާރުވެސް ތަރައްޤީގެ ތިން މަޝްރޫޢެއް ރަށުގައި ވަނީ ފަށާފައެވެ. ރައީސްގެ މި ވާހަކަފުޅަކީ ދަރަނބޫދޫގެ ރައްޔިތުންނަށް، ޚާއްސަކޮށް ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، އުއްމީދުތައް އާކޮށްދިން ވާހަކަފުޅެކެވެ.

"މިރަށުގައި މި ތަރައްޤީކުރަންފެށި ފިޓްނަސް އެންޑް ރެކްރިއޭޝަނަލް ފެސިލިޓީއާއެކު އައުޓް ޑޮރ ވޮލީކޯޓެއްވެސް އަޅާނަން. އަދި ފުޓުބޯޅަ ދަނޑުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފާށާނަން. އަދި ރަށަކީ ބެޑްމިންޓަންއަށް ވަރަށް ޝަޢުގުވެރިކަން ބޮޑު ރަށަކަށްވުމާއެކު، އެ ފެސިލިޓީވެސް އިތުރުކޮށްދޭނަން" ރައީސް ވިދާޅުވިއެވެ.އަދި ފުލުހުންގެ ޚިދުމަތް ރަށުގައި ތަރައްޤީކުރުމަށް، ފުލުހުންގެ އިދާރާގެ އިމާރާތެއް އަޅައިދޭނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސްވަނީ ދަރަނބޫދޫ ސްކޫލަށް ޖާގަ އިތުރުކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން ސަކޫލްއަށް މަލްޓިޕަރޕަސް ހޯލަކާ، 3 ކްލާސްރޫމް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި ރަށްގިރުމުގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި މީގެތެރެއިން މަޝްރޫޢުތައް ހިމަނުއްވާނެކަމަށެވެ.ދަރަނދޫއަކީ 600އެއްހާ މީހުންގެ އާބާދީއެއް ހިމެނޭ ރަށެކެވެ.

Rate this article

Leave a Comment

Comments (0)

footerLogo

ވެލާނާގެ، 7 ވަނަ ފަންގިފިލާ،

ޢަމީރު ޢަޙްމަދު މަގު، ހެންވޭރު، މާލެ، 20096، ދިވެހިރާއްޖެ

+960 3355356