navLogo

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ރީސްޓްރަކްޗަރކޮށް، 2025-2040 އަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމަށް ނިންމައިފި

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް ރީސްޓްރަކްޗަރކޮށް، 2025-2040 އަށް ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމަށް ނިންމައިފި
public examination
މަރިޔަމް

ދިވެހިރާއްޖޭގެ ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) ރީސްޓްރަކްޗަރކޮށް، 2025 އިން 2040 އަށް އެ މުއައްސަސާގެ ސްޓްރެޓެޖިކް ޕްލޭނެއް އެކުލަވާލުމަށް އެޑިޔުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. މިކަމަށްޓަކައި ދިވެހި ކޮންސަލްޓަންޓެއް ހޯދުމަށް މިހާރު ވަނީ އިއުލާނު ވެސް ކޮށްފައެވެ.

މި ނިންމުން ނިންމާފައިވަނީ، އިމްތިޙާނުތައް ކުރިއަށް ގެންދެވޭނެ ޒަމާނީ އަދި ނިޒާމީ މެތަޑެއް ޑީޕީއީގައި މިހާރު ނެތް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ފާހަގަކޮށްފައި ވާތީއެވެ. އަދި ޓެކްނޮލޮޖީއާ ރަހުމަތްތެރި އިމްތިޙާނު ޕްރޮސެސްތައް އިތުރަށް ހަރުދަނާކޮށް، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތަށް އިމްތިޙާނު ނިޒާމު ހަރުދަނާކުރުމަށް ރީސްޓްރަކްޗަރކޮށް ރިފޯމްކުރުމުގެ މުހިންމުކަން ވަނީ ފާހަގަކުރެވިފައެވެ.

މި ރިފޯމް ކުރުމަށް ހޯދާ ކޮންސަލްޓެންސީގެ މައިގަނޑު ބޭނުމަކީ ޑީޕީއީގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރއާއި، މުވައްޒަފުންގެ ހުނަރާއި، އޮޕަރޭޝަނަލް ޕްރޮސެސްތައް ދެނެގަތުމެވެ. މީގެ އިތުރުން، އެ އޯގަނައިޒޭޝަންގެ މަޤްޞަދުތައް ޙާޞިލުކުރުމަށް ބޭނުންވާ ޕޮލިސީތަކާއި، އިންސާނީ ވަސީލަތްތަކާއި، ފަންނީ ޤާބިލުކަމާއި، މެނޭޖްމަންޓް ސިސްޓަމްތަކުގައި ހުރި އުނިކަންތައް ދެނެގަނެ، އެ އުނިކަންތައް ފޫބައްދައި، އިންސްޓިޓިއުޝަންގެ ތަރައްޤީއަށްޓަކައި ދުރު ރާސްތާގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް އެކުލަވާލުމެވެ.

ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަންސް (ޑީޕީއީ) އަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން 1 ސެޕްޓެމްބަރ 1989 ގައި އުފައްދާފައިވާ މުހިންމު ޑިޕާޓްމަންޓެކެވެ. އެ ޖަމިއްޔާގެ މައިގަނޑު މަސްއޫލިއްޔަތަކީ ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި އައިޖީސީއެސްއީ އަދި އޭލެވެލް އިމްތިހާނުތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމެވެ. މީގެ އިތުރުން، ސެޓްފިކެޓް އެންޑޯސްމަންޓް އަދި ވެރިފިކޭޝަން ފަދަ އިމްތިހާނުތަކާ ގުޅޭ އެހެނިހެން ހިދުމަތްތައް ޑީޕީއީން ފޯރުކޮށްދެއެވެ. ރާއްޖޭގެ އެކި ހިސާބުތަކުގައި ހުންނަ އިމްތިހާނު ސެންޓަރުތައް ހިންގަނީ ވެސް ޑީޕީއީގެ ދަށުންނެވެ.

ޑީޕީއީގެ އަމާޒަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިން، އަދި ޤައުމީ ސިޔާސަތުތަކާއި މަޤްޞަދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ހުރިހާ ފަންތިއެއްގެ އިމްތިޙާނުތައް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމެވެ. މިނިސްޓްރީން ފާހަގަކުރާ ގޮތުގައި، ޑީޕީއީގެ އިމްތިޙާނުތަކަކީ ޞައްޙަ އަދި އިތުބާރު ހިފޭ އިމްތިޙާނުތަކަކަށް ހެދުމާއި، ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ މިންގަނޑުތަކެއްކަން ކަށަވަރުކުރުން ވަރަށް މުހިންމެވެ. މީގެ އިތުރުން، ޑީޕީއީގެ އަމާޒަކީ ޚިދުމަތް ބޭނުންކުރާ ފަރާތްތަކާއި އާންމުންގެ މެދުގައި އިތުބާރު އުފެއްދުމަށްޓަކައި، އިމްތިޙާނުތަކުގެ ސިއްރު އަދި ރައްކާތެރިކަން ދެމެހެއްޓުން ކަމަށް ވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.

ޑީޕީއީން މިހާރު ކުރިއަށް ގެންދާ މައިގަނޑު ދެ ބައިނަލްއަޤްވާމީ އިމްތިޙާނު ކުރިއަށް ގެންދަނީ ތަފާތު ދެ އިމްތިޙާނު ޖަމާއަތަކާ ގުޅިގެންނެވެ. އައިޖީސީއެސްއީ އިމްތިޙާނު ކުރިއަށް ގެންދަނީ ކެމްބްރިޖް ޔުނިވަރސިޓީ ޕްރެސް އެންޑް އެސެސްމަންޓާ ގުޅިގެން ކަމަށްވާއިރު، އިންޓަރނޭޝަނަލް އެޑްވާންސްޑް ލެވެލް (އޭލެވެލް) އިމްތިޙާނު ކުރިއަށް ގެންދަނީ ޕިއަރސަން އެޑެކްސެލް އިންޓަރނޭޝަނަލްއާ ގުޅިގެންނެވެ. މި ބައިނަލްއަޤްވާމީ އިމްތިޙާނުތަކުގެ އިތުރުން، ދިވެހި މާއްދާއާއި، އިސްލާމްދީނާއި، ޢަރަބި މާއްދާތަކަށް ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އަދި ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނު ވެސް ކުރިއަށް ގެންދަނީ ހަމަ މި ޑިޕާޓްމަންޓުންނެވެ.

Rate this article

Leave a Comment

Comments (0)