ވިލާތުގެ ކާރޫބާރޫ ބޮޑު ގިނަ ވައިގެ ބަނދަރުތަކަށް ދީފައިވާ ސައިބަރ ޙަމަލާއެއްގެ ސަބަބުން، ވައިގެ ދަތުރުފަތުރަށް ބުރޫ އަރައި، އެތައް ހާސް ފަސިންޖަރުން ތާށިވެއްޖެއެވެ. ވައިގެ ބަނދަރުތަކުގައި ޗެކް-އިން ވުމަށް އަދި ބޯޑިންގއަށް ބޭނުންކުރާ ނިޒާމުތަކަށް އަމާޒުކޮށް ދީފައިވާ މި ޙަމަލާގެ ސަބަބުން ގިނަ ވައިގެ ބަނދަރުތަކުން ފުރައި ޖެއްސުމަށް ހަމަޖެހިފައިވާ ފްލައިޓުތައް ވަނީ ލަސްވެފައެވެ.
މި ޙަމަލާ ދީފައިވަނީ ވައިގެ ބަނދަރުތަކުގައި ޚިދުމަތް ދިނުމަށް ބޭނުންކުރާ ސޮފްޓްވެއަރއަކަށެވެ. މިކަމުގެ ސަބަބުން ގިނަ ވައިގެ ބަނދަރުތަކަކުން ދެމުން އައި ބައެެއް ޚިދުމަތްތައް ވަނީ މެދުކެނޑިފައެވެ. ސައިބަރ ޙަމަލާގެ އަސަރުކުރި ވައިގެ ބަނދަރުތަކުގެ ތެރޭގައި ލަންޑަންގެ ކާރޫބާރޫ ބޮޑު ހީތުރޯ ވައިގެ ބަނދަރު ވެސް ހިމެނެއެވެ.
ސައިބަރ ޙަމަލާގެ ސަބަބުން ހީތުރޯއާއި ބަރލިންއާއި ބްރަސެލްސްގެ ވައިގެ ބަނދަރުތަކުގައި މިހާތަނަށް 29 ފްލައިޓެެެއް ވަނީ ކެންސަލްކޮށްފައެވެ. ދުނިޔޭގެ ގިނަ ޢަދަދެއްގެ ވައިގެ ބަނދަރުތަކުގައި ބޭނުންކުރާ ޗެކް-އިން އަދި ބޯޑިންގ ނިޒާމުގެ ޚިދުމަތްދޭ ކޮލިންސް އެއޮރޯސްޕޭސް ކުންފުނިން ބުނެފައިވާ ގޮތުގައި، އިނގިރޭސިވިލާތުގެ އެންމެ ބޮޑު އަދި ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު އެއް ވައިގެ ބަނދަރުކަމަށްވާ ހީތުރޯ ވައިގެ ބަނދަރަށް ކުރިމަތިވެފައިވަނީ ޓެކްނިކަލް މައްސަލައެކެވެ. މިކަމުގެ ސަބަބުން ފްލައިޓުތައް ފުރާ ގަޑި ލަސްވެފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮލިންސް އެއޮރޯސްޕޭސް އިން މިހާރު ދަނީ މި މައްސަލަ ޙައްލު ކުރުމަށްޓަކައި ގަދައަޅާ މަސައްކަތް ކުރަމުންނެވެ. މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ދަތުރުފަތުރުގެ ހުރަސްތައް ނެތިކޮށް، ވައިގެ ދަތުރުތައް އަނބުރާ އާދައިގެ ޙާލަތަށް ގެނައުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.