
ޖޫނިއާ އަންހެން ސިންގަލްސްގެ ޗެމްޕިއަންކަން ހޯދީ އިންޝާ އިކްލީލް އައްބާސް އެވެ. ފައިނަލްގައި އިންޝާ ވާދަކުރީ އައިޝަތު އަލީޝާ ނާފިއު އާއި ދެކޮޅަށެވެ. މި މެޗު އިންޝާ ކާމިޔާބުކުރީ 18-17 ގެ ހަނި ނަތީޖާއަކުންނެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ އައިޝަތު މައިލާހް އާދަމް ޒާހިރާއި ވާދަކޮށް 25-0 ގެ ތަފާތަކުން މެޗު ކާމިޔާބުކުރި ޒުލެއިހާ ލީން އެވެ.
ޖޫނިއާ ފިރިހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އަހުމަދު މައިޝާން އާއި އަލީ އަހްކަމް އާދަމްގެ ޕެއާއެވެ. މައިޝާން އާއި އަހްކަމް ފައިނަލްގައި ވާދަކުރީ އަހުމަދު ޝަމާލް ސައުދުﷲ އާއި އަބްދުﷲ ކިޔާންގެ ޕެއާއާއި ދެކޮޅަށެވެ. މި މެޗު މައިޝާން އާއި އަހްކަމްގެ ޕެއާ ކާމިޔާބުކުރީ 22-7 ގެ ސްކޯއަކުންނެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ މުހައްމަދު ޒީހާން އާއި މީކައިލް ބިން މަދަދުﷲގެ ޕެއާއިންނެވެ. ޒީހާން އާއި މީކައިލްގެ ޕެއާއިން އެ މެޗު ކާމިޔާބުކުރީ އަބްދުލްމާލިކް ހަސަން ލަތީފާއި އަހުމަދު ނައިސަމް ނިސާހްގެ ޕެއާ 13-7 ގެ ސްކޯއަކުން ބަލިކޮށްގެންނެވެ.
ޖޫނިއާ އަންހެން ޑަބަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ އިންޝާ އިކްލީލް އައްބާސް އާއި އައިމިނަތު ކައިސާ ބިންތް އަބުދުﷲގެ ޕެއާއިންނެވެ. ކައިސާއާއި އިންޝާގެ ޕެއާ މި މެޗު ކާމިޔާބުކުރީ އައިޝަތު އަލީޝާ ނާފިއު އާއި ސޯފިއާ ސުނާން ޝާކިރުގެ ޕެއާ 25-0 ން ބަލިކޮށްގެންނެވެ. މި ކެޓަގަރީގެ ތިންވަނަ ހޯދީ މައިލާ އާދަމް ޒާހިރާއި ނީމް ނަސީމްގެ ޕެއާއެވެ. މައިލާ އާއި ނީމް އެ މެޗު ކާމިޔާބުކުރީ މަރިޔަމް ޝައުން އާއި ފާތިމަތު ޒާޝްގެ ޕެއާ 25-0 ން ބަލިކޮށްގެންނެވެ.
ކެރަމް ކޮމިއުނިޓީ ޝީލްޑް މުބާރާތުގެ ޖޫނިއާ ކެޓަގަރީގައި ޖުމްލަ ހަތަރު އިވެންޓް ހިމެނެއެވެ. އޭގެތެރެއިން ޖޫނިއާ ފިރިހެން ސިންގަލްސްގައި 39 ބައިވެރިން ވާދަކުރިއިރު، ޖޫނިއާ އަންހެން ސިންގަލްސްގައި 20 ކުޅުންތެރިން ވާދަކުރިއެވެ. އަދި، ޖޫނިއާ ފިރިހެން ޑަބަލްސްގައި 40 ކުޅުންތެރިން ވާދަކުރިއިރު، އަންހެން ޑަބަލްސްގައި 10 ކުޅުންތެރިން ވާދަކުރިއެވެ. މި މުބާރާތުގެ އެހެނިހެން އިވެންޓްތައް ކުރިއަށްދާނެކަމަށް ކެރަމް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތު ދެއެވެ.