ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ހުއްދަދޭ މިންގަނޑާ ޚިލާފަށް އެ ޤައުމުގައި މަތީ ތަޢުލީމުދޭ ޕްރޮގުރާމްތަކެއް ހިންގަމުންދާކަން ފާހަގަވެ، ކިޔަވަން ފެށުމުގެ ކުރިން ސަމާލުވުމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިޔުއޭ) އިން ދަރިވަރުންނާއި ބެލެނިވެރިންނަށް އިލްތިމާސްކޮށްފިއެވެ.
އެމްކިޔުއޭއިން މިކަމާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤަވާއިދާ ޚިލާފަށް ހިންގާ ޕްރޮގުރާމްތަކުން ލިބޭ ސެޓުފިކެޓުތައް މިހާރުން ފެށިގެން އެ އޮތޯރިޓީން ޤަބޫލުނުކުރާނެ ކަމަށެވެ.
އެމްކިޔުއޭއިން މިފަދަ ބަޔާނެއް ނެރުމުގެ ބޭނުމަކީ ލަންކާއަށް ކިޔަވަންދާ ދިވެހި ދަރިވަރުންނަށް މުސްތަޤްބަލުގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްކުރުމާއި، އެ ޤައުމުގެ ބައެއް މަރުކަޒުތަކުން ހިންގާ ޕްރޮގުރާމްތަކުގެ ފެންވަރު ދަށްވިޔަ ނުދިނުމެވެ. ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަދޭ މިގަނޑާ ޚިލާފަށް، އެ މިންގަނޑުން ބޭރުން އެ ޤައުމުގެ ބައެއް މަރުކަޒުތަކުން ޕްރޮގްރާމް ހިންގާކަން އެމްކިޔުއޭއަށް ފާހަގަވެފައިވާ ކަމަށް އެ ބަޔާނުގައިވެއެވެ.
އަދި ހުއްދަ ދީފައިވާ މިންގަނޑާ ޚިލާފަށް މި ތަންތަނުން ހިންގާ ހަޔަރ ޑިޕްލޮމާއިން މަތީގެ ޓަރޝަރީ ޕްރޮގްރާމްތައް އެހެން ޤައުމުތަކާ ގުޅިގެން ހިންގާކަން ވެސް ފާހަގަވެފައިވާ ކަމަށް އެމްކިޔުއޭއިން ބުނެފައިވެއެވެ. މިހެންކަމުން، ލަންކާއަށް ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ޤަބޫލުކުރާ ޕްރޮގުރާމެއްކަން ކަށަވަރުކުރުމަކީ އިންތިހާއަށް މުހިންމު ކަމެކެވެ. އެމްކިޔުއޭއިން ވިދާޅުވީ، ހުއްދަ ދީފައިވާ މިގަނޑާ ޚިލާފަށް އެ ތަންތަނުން ހިންގާ ޕްރޮގްރާމްތަކުގެ ސެޓިފިކެޓް މީގެ ފަހުން އެ އޮތޯރިޓީން ޤަބޫލުނުކުރާނެ ކަމަށެވެ.
އެމްކިޔުއޭއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި ސްރީލަންކާގެ ޓަރޝަރީ އެންޑް ވޮކޭޝަނަލް އެޑިއުކޭޝަން ކޮމިޝަނުން ހުއްދަ ދެމުން އަންނަނީ ހަޔަރ ޑިޕްލޮމާ އިން ދަށުގެ ޓަރޝަރީ ޕްރޮގްރާމްތަކަށެވެ. އަދި ޑިގްރީއަށްވުރެ މަތީގެ ޕްރޮގްރާމްތަކަށް ހުއްދަ ދެމުން އަންނަނީ ސްރީލަންކާގެ ޔުނިވަރސިޓީ ގްރާންޓްސް ކޮމިޝަނާއި ސްރީލަންކާގެ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިތުރުން ހަޔަރ އެޑިއުކޭޝަން އެންޑް ވޮކޭޝަނަލް އެޑިއުކޭޝަނުންނެވެ.
ލަންކާއަށް ދަރިވަރުން ކިޔަވަން ދިޔުމުގެ ކުރިން އެމްކިޔުއޭއިން ދޫކުރާ "އިންޓެންޑެޑް" ލިޔުން ހޯދުމަކީ ވަރަށް މުހިންމުކަމެއްކަމަށް އެ އޮތޯރިޓީން ވަނީ ހަނދާންކޮށްދީފައެވެ. މިގޮތަށް ޢަމަލުކުރުމަކީ ދަރިވަރުންނަށް ލިބޭ ތަޢުލީމީ ސެޓުފިކެޓުތައް ދިވެހިރާއްޖޭގައި ޤަބޫލުކުރެވޭނެކަން ކަށަވަރުކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.